އަތޮޅު ތެރޭގައި ސޯޝަލް ހައުސިންގެ ދަށުން ސަރުކާރުން ގާއިމުކޮށްދީފައިވާ ރޯހައުސްތަކާއި ފްލެޓުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް 20،000 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިކަން އިއުލާނު ކުރެއްވީ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތ. ތިމަރަފުށީގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ބައެއް ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ އަގުތައް ބޮޑުކަމުގެ ޝަކުވާ ގިނަ ރައްޔިތުން ކުރަމުންދާތީ، މި ސަރުކާރުން ވަނީ މިހާރުވެސް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދީފަ އެވެ. އެގޮތުން، އެވަރެޖްކޮށް 5،000 ރުފިޔާގައި ހުރި ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި 3،300 ރުފިޔާއަށް ކުޑަކުރަން 2023 ވަނަ އަހަރުގެ ޑިސެމްބަރުގައި ސަރުކާރުން ވަނީ ނިންމާފަ އެވެ.
”އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޑައުންޕޭމަންޓް 10،000 ރުފިޔާއަށް ކުޑަކޮށްދޭނަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ކުލި ދައްކަންނުޖެހޭ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑް ގުނަން ފަށާނީ، އެ ޔުނިޓުތައް އެކޮށް ނިންމައި، ދިރިއުޅެން ފަށާ ތާރީހުން ފެށިގެންކަމަށް ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ތިމަރަފުށީގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު 100 ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައިވާކަން ވެސް ރައީސް މުއިއްޒު ވަނީ އިއުލާނުކުރައްވާފަ އެވެ. މިއީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅޭ އިތުރު ފިޔަވަޅެކެވެ.