ހިލައާ ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރާ، އަޑިއަށް ދިޔަ ދޯންޏެއް އެމްއެންޑީއެފުން ފުންކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ސިކްސް އެންޑް ސިކްސް ދޮންމާގަ މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުންދިޔަ ”ގަސްކުރި“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިގެން، އެމްއެންޑީއެފް މާލެއޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ތިން މީހުންނާ އެކު ދަތުރުކުރި 70 ފޫޓްގެ މި ދޯނި ފަރަށް އަރާފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ދޯންޏަކީ އެ ރިސޯޓަށް ހިލައާ ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ.
މި ހާދިސާގައި ފަރަށް އެރި ދޯނިން ބޮޑު ތަނެއް ފަޅައިގެން ގޮސް، ދޯނީގެ ބޮޑު ބައެއް ވަނީ ފެނުއަޑީގަ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން އިތުރަށް ބެލުމަށް ފަހު، ސެލްވޭޖް މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައި، ތާނގީ ފީފާ ޖަހައި ކުރި މަސައްކަތުން މިއަދު 16:05ހާ އިރު ދޯނި ވަނީ ފުންކުރެވިފައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މިހާރު ދަނީ އުޅަނދެއްގައި ޓޯވްކޮށްގެން ދޯނި ތިލަފުށްޓަށް ގެންދިއުމަށް ދަތުރުކުރަމުންކަމަށްވެސް ބުނެފައިވެ އެވެ.