ތ. ގުރައިދޫގައި އަލަށް ތަރައްޤީކުރަމުންދާ އެއަރޕޯޓު 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިކަން އިޢުލާންކުރެއްވީ ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މި އެއަރޕޯޓަކީ އެ ސަރަހައްދުގެ ތަރައްޤީއަށް ހުޅުވިގެންދާނެ މުހިންމު ދޮރާށްޓެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެއަރޕޯޓާއެކު ގުރައިދޫގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފްސީލުވެސް ރައީސް ހާމަކުރެއްވި އެވެ. މީގެ ތެރޭގައި މި އަހަރުގެ ނޮވެންބަރު މަހު އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ފެށުމާއި، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއެއް އަންނަ އަހަރު ފެށުން ހިމެނެ އެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ރަހުނަކާ ނުލައި ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ ސްކީމެއް ދާދި އަވަހަށް ތަޢާރަފުކުރާނެ ކަމަށްވެސް ރައީސް އިޢުލާންކުރެއްވި އެވެ. މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގެދޮރު ބިނާކުރުމަށް ދޫކުރާ ލޯނު ސްކީމެއްކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ގުރައިދޫއަށް ހަތް ހެކްޓަރުގެ ބިން ހިއްކުމާއި، އަންނަ އަހަރުގެ ބަޖެޓުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ހިމެނުމާއި، ހުއްޓިފައިވާ ސްކޫލްގެ މަސައްކަތް އަލުން ފެށުމާއި، ޒަމާނީ ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނޭކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ތ. ގުރައިދޫ