ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
މިގޮތަށް މުއްދަތު އިތުރުކޮށްފައިވަނީ، ޔޫތް މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިއުލާނެއްގަ އެވެ. މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހު ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
ޔޫތް މިނިސްޓްރީން ބުނީ، 11 ސެޕްޓެމްބަރ 2025 ގައި މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނަށް ހަވާލާދީ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދުމުގެ ފަހު ފުރުސަތަކަށް މީގެ ކުރިން ދީފައިވަނީ 27 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މީޑިއާތަކަށް ދައުލަތުން މި މާލީ އެހީތެރިކަން ދިނުމުގެ މައިގަނޑު މަގްސަދަކީ، ގައުމަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އަމިއްލަ މީޑިއާތަކަށް، ހިންގުމުގެ ގޮންޖެހުންތަކުން އަރައިގަނެ، އެކި ގޮތްގޮތުން ދިމާވާ ދަތިތަކަށް ލުއިކަމެއް ހޯދައިދިނުމެވެ.
މި އެހީތެރިކަމަށް އެދި ހުށަހެޅޭނީ، މިކަމަށްޓަކައި ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލީ މައުލޫމާތު، ”ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު“ ގައި ހިމެނިފައިވާނެ ކަމަށް ވެސް ޔޫތް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.