ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަކީ އަމާޒެއް: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަކީ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މިއަދަކީ ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވާފަ އެވެ. މިއޮށް ހުރިހާ ދުވަހު ދިވެހިންނަށް އެކުވެރިކޮށް އެއްބައެއްގެ ގޮތުގައި ދިރިއުޅެވުނީ އިސްލާމް ދީނުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

އިސްލާމް ދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ މެނިފެސްޓޯގައި އެކަމަށް ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހާފިޒުން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް 24 ހާފިޒުން ތަމްރީނު ކުރެވިފައިވާކަމަށާއި އަދި އިތުރު 50 ހާފިޒުން އަންނަ ރަމަޟާން މަހާ ހަމައަށްދާއިރު އިތުރުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވިދާޅުވި އެވެ. މިއީ ކުރު މުއްދަތަކަށް ބަލާއިރު އެންމެ ގިނަ ހާފިޒުން ތަމްރީނުކުރެވުނު މުއްދަތުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ބާކީއޮތް މަސްތަކުގައާއި ދެން އޮތް ތިން އަހަރާއެއްކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުން.“

ވަޤުފް އިންވެސްޓްމެންޓްތަކުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިކަމުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ވަޤުފްގެ މަސައްކަތުން ހޯދޭ ފައިސާއަކީ ދީން ކުރިއެރުވުމަށް އަދި ދަރިންނަށް ދީން ކިޔަވައިދިނުމަށް ބޭނުންކުރެވޭ އެއްޗެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ ވަޤުފް މަޝްރޫއުތައް ކުރިއަށްގެންދަން ފުރަތަމަ މަޝްރޫއުގެ ދަށުން ހުރިހާ ސިޓީތަކެއްގައި ވަޤުފް އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާފަ އެވެ. މި އިންވެސްޓްމެންޓްތަކަކީ އިސްލާމް ދީނަށް ހިދުމަތް ކުރުމުގައި ވަރަށް މުހިންމު ކަމަކަށްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޤުރުއާނަށް ހާއްސަ ވަޤުފު އިމާރާތެއް ބިނާކުރުމަށް މާލޭގައި އެންމެ ރަނގަޅު އެއް ސަރަހައްދުން ބިމެއް އިސްލާމިކް މިނިސްޓްރީއަށް ހަވާލުކުރައްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ދާދި އަވަހަށް އެ އިމާރާތް އެޅުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ވޭމަންޑޫގައި ވާހަކަ ދައްކަވަމުން، ޒުވާން ޚަތީބުން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 500 ޒުވާން ޚަތީބުން އުފެއްދިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރު މި އަަދަދު ދެގުނަ ވާނެކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން ޒަކާތުގެ ކަންކަމުގައި ޒަކާތު ހައުސްއެއް ގާއިމުކުރެވި ޒަކާތާ ބެހޭ ޤާނޫނެއް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

އެކި ރަށްރަށުގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްތައް ގާއިމުކުރެވޭކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، މިއީ އިސްލާމް ދީން ވަރުގަދައަށް ކިޔަވައިދުނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުރުއާނާ ބެހޭ މަރުކަޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ