ގާނޫނަކަށް ތަބާނުވާނެ ކަމަށްބުނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅު ފެލިދޫއަށް ވަޑައިގެން ރޭ އެ ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް މުއިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ޤާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށާއި، އިސްލާމީ ހަމަތަކާ އެއްގޮތަށް ދައުލަތް ހިންގުމުގައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާ އެކު ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެކަކަށް ވެސް، ގޮންޖަހާފައި ގާނޫނަކާ ހިލާފަށް، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
”އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން. އަޅުގަނޑު ކޮށްގެންހުރި ހުވާގައިހުރި ފުރުސަތެއް ނޫން އެއީ.“
މީޑިއާތަކުގައި މަސައްކަތްކުރައްވާ މީހުންނަށް ތެދުބަހުން ވާހަކަ ދެއްކުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ހަގީގަތް ހާމަކުރުމުގައި ތަންމިނަށް މިނިވަންކަން އޮތްކަމަށެވެ.
މީޑިއާތަކާއި ނޫސްވެރިން ބޭނުންވަރަކަށް ލިޔަންވީ ކަމަށާއި ނަމަވެސް ދޮގު ވާހަކައެއް ނުލިޔެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަނެކާއާ ބެހޭގޮތުން ހަގީގަތް ބެލުމެއް ނެތި، ވާހަކަތަކެއް ނުލިޔެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ދޮގު ވާހަކަތައް ލިޔުމާއި އެފަދަ ވާހަކަ ދެއްކުމަކީ ރައްޔިތުން ޤަބޫލުކުރާ ހަމައެއް ނޫންކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މި ޤާނޫނުގެ ދަށުން ސޯޝަލްމީޑިއާ ހުއްޓުވާކަމަށް ބުނެ ފަތުރަނީ ފިތުނަފަސާދަ ކަމަށެވެ. ފިތުނަފަސާދަ އުފެއްދުމަކީ ގަތުލު ކުރުމަށް ވުރެ ނުބައި ކަމެއްކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ ޤުރުއާނަށްވެސް ގޮންޖެހުމަށްފަހު ލިޔަންވީތޯ ސުވާލުއުފައްދަވާފަ އެވެ.
”ނުކުރެވޭނެ އެކަމެއް. މި ގައުމުގައި ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް، އަޅުގަނޑަށް ފަރުވާލެއް ނެތް“
ކޮންމެ ވާހަކައެއް ދޮގު ހަދައިގެން ދެއްކުމަކީ މިނިވަންކަމެއް ނޫން ކަމަށާއި މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޒިންމާދާރުކަމާއެކު ކަންކަން ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.