ބެޗެލާސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާ ކަލްޗާ ކޯހުގެ މަންހަޖު އެކުލަވާލުމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން ފިނޭންސް ޑައިރެކްޓަރު އީނާސް ނަސީރާއި، ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭއެހީގެ ދަށުން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ޕްރޮގްރާމަކުންނެވެ. އޭގެ ފަހުން ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފެންވަރަށް ކުރިއަށްދާނެ މި ކޯހަކީ ކްލާސްރޫމް ތަޢުލީމާއި ޢަމަލީ ތަޖުރިބާ އެކުލެވޭ ފުލްޓައިމް ކޯހެކެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުން ފެށިގެން މަތީ ފެންވަރުގައި ދަރިވަރުންނަށް އިޚްތިޔާރީ މާއްދާތައް ހިމެނޭނެއެވެ. މީގެ ތެރޭގައި ފިޝަރީޒް ސައިންސް އަދި އެކުއާކަލްޗާގެ ދާއިރާއިން ޚާއްސަވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ޕްރޮގްރާމެއް ނިމުމުން ދަރިވަރުންނަށް އެ ފުރިހަމަކުރި ލެވެލްގެ ސެޓްފިކެޓް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ޔުނިވާސިޓީން 43 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ)ގެ މިންގަނޑުތަކާ އެއްގޮތަށް މަންހަޖާއި ކޯސް މެޓީރިއަލްތައް ތައްޔާރުކުރަންޖެހޭނެއެވެ. މަންހަޖުގައި ފިޝަރީޒް ސައިންސް، އެކުއާކަލްޗާ، ރިސޯސް މެނޭޖްމަންޓް، ކްލައިމެޓް ރެޒިލިއަންސް އަދި ސަސްޓެއިނަބިލިޓީ ފަދަ މޮޑިއުލްތައް ހިމެނޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވަނީ މަސްވެރިކަމާއި، މެރިކަލްޗަރ، އަކުއަކަލްޗަރ އަދި ދަނޑުވެރިކަމާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 17 ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ