ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ނިންމައިފި، ނޮވެމްބަރުން ފެށިގެން މިޔަރު ހިފޭނެ

Advertisement

އެންމެ ފަސް

Advertisement

އަންނަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ”މިހާރު މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށްފި. މިމެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިއަރުގެ މަސްވެރިކަމަށް ހުޅުވާލަން. އެކަންކުރަން ބޭނުންވާ ފަރާތްތަކަށް އެމަސައްކަތް ފެށުމަށް ތައްޔާރުވުމަށް ގޮވާލަން.“ މި ނިންމުމަށް ވާސިލުވުމުގެ ކުރިން ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން ދިރާސާތަކެއް ކުރައްވާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިޔަރުގެ މަސްވެރިކަން މަނާކުރެވުނު އިރު، އެންމެ ފުޅާ ދާއިރާއެއްގައި މި މަސްވެރިކަން ކުރަމުން އައީ ހދ. ކުޅުދުއްފުށީގައެވެ. ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކުރެވުނީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެވުމާ ގުޅިގެންނެވެ.

އެހެންނަމަވެސް، ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުން ފާޅުކުރަމުން އައިސްފައިވެއެވެ. މީގެ ކުރިން ސަރުކާރުން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައި، ”ބައިކެޗް“ގެ ގޮތުގައި ހިފޭ މިޔަރު ޕްރޮސެސް ކުރުމަށް ހުއްދަ ދިނުމަށް ނިންމި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، އެ ނިންމުން ބަދަލުކޮށް ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި މީގެ ކުރިން ކުރަމުން އައި މިޔަރުގެ މަސްވެރިކަމުގެ ތެރޭގައި ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަން ހިމެނެއެވެ. މިހާރު ސަރުކާރުން ހުއްދަ ދޭން ނިންމާފައިވަނީ ހަމައެކަނި ކަށި މިޔަރުގެ މަސްވެރިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ