ހުޅުމާލޭގައި ގާއިމްކުރާ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާނުކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނީ ހައުސިންގ މިނިސްޓްރީގެ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު“ އާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި މަޝްރޫއުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އަދި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ އެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރު ތެރޭގައި ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. މި މަޝްރޫއަކީ ޝަރުއީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފިނޭންސް