އެހެން މީހުންނާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ނޫސްވެރިންނަށް ލިބިދޭ ބާރެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ދައުލަތުގެ މީޑިއާގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވި ގޮތުގައި، ދޮގު މަޢުލޫމާތު ފެތުރުމުގެ މައްސަލައަކީ ހައްލުކުރަންޖެހިފައިވާ މައްސަލައެއްކަން ރާއްޖޭގެ ގިނަ ނޫސްވެރިންނާއި ރައްޔިތުން ގަބޫލުކުރާ ކަމެކެވެ. އަދި ނޫސްވެރިން އެމީހުންގެ ހައްގުތައް ބޭނުންކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމްކުރާ ގޮތުގެ މަތިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އެގޮތުން، ދޮގު ހަބަރު ފަތުރާ މައްސަލައަކީ މީގެތެރެއިން އަންނަ މައްސަލައެއް. އެމައްސަލައަކީ ހައްލު ނުލިބިފައި އޮތް މައްސަލައެއް،“ އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް މީޑިއާތަކުން ކަނޑައެޅިގެން ދޮގު މަޢުލޫމާތު ފެތުރުމުގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް ދިމާވާ މައްސަލައެކެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ ދޮގު މަޢުލޫމާތު ފެތުރުމުގެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ބިލެއްކަން ފާހަގަކުރައްވައި، މި ބިލުގެ ސަބަބުން މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި މީޑިއާތަކުން މަޢުލޫމާތު ހާމަކުރަންވާނީ އެ މަޢުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ކަމަށާއި، މަޢުލޫމާތުގެ ތެދުދޮގު ބެލުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް އާންމުކޮށްގެން ނުވާނެ ކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.
މީޑިއާ ބިލަށް ބަންޑާރަނައިބްގެ އޮފީހުން ގިނަ އިސްލާހުތަކެއް
މީޑިއާގެ ބިލާމެެދު ނޫސްވެރިންގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުރިއިރު މިހާރު ކޮމެޓީ މަރުހަލާގައި އޮތް އެ ބިލަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން ބަންޑާރަނައިބުގެ އޮޮފީހުން ވަނީ ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމަށްވެސް ހުށަހަޅާފަ އެވެ. މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ހިމެނުމަށްވެސް ހުށަހަޅާފައިވެ އެވެ.
ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބަދަލުކުރުން ހިމެނެ އެވެ. މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެމަށް ހުށަހަޅާފައިވެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނަށް އިންތިޚާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދެވޭގޮތަށް ބިލު އިސްލާހު ކުރުމަށްވެސް ބަންޑާރަނައިބުގެ އޮފީހުން އިސްލާހު ހުށަހަޅާފައިވެ އެވެ. މީގެއިތުރުން ބިލުގައި މިހާރު ބަޔާންކޮށްފައިވާ، މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހްތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.
ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް މީޑިއާ ބިލް