ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓުގެ ތެރެއިން 2،955 ފްލެޓެއްގެ އެއްބަސްވުމުގައި އެ ފްލެޓް ލިބޭ ފަރާތްތަކާއެކު ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
އެފްޑީސީން ބުނީ މިހާތަނަށް 3،070 އެއްބަސްވުމެއްގައި ސޮއި ކުރުމަށް ތާވަލު ކުރެވުނު ކަމަށާއި 2،955 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށެވެ.
އެފްޑީސީން މީގެ ކުރިން ބުނެފައިވަނީ ދުވާލަކު 116 އެގްރީމެންޓްގައި ސޮއި ކުރުމަށް ޝެޑިއުލް ކުރާ ކަމަށާއި އޭގެ ތެރެއިން ދުވާލަކު އެވަރެޖްކޮށް 110 އެގްރީމެންޓްގައި ސޮއި ކުރެވޭ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަރވިސް ކައުންޓަރުތައް އިތުރުކޮށް، ޓެނެންޓުންނަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގިނަ ވަގުތު ނެގުމެއްނެތި ސޮއިކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ. އެހެންކަމުން ކުރިން ދީފައިވާ މުއްދަތުގެ ކުރިން ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް ނިމޭނެކަމަށް ބެލެވެ އެވެ.
އެފްޑީސީން އެގްރީމެންޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި، ހެނދުނު 9:00 އިން ހަވީރު 16:00 އާ ހަމައަށެވެ. ފުލެޓް ލިބޭ ފަރާތްތަކަށް ސޮއިކުރުމަށް ދާންޖެހޭ ދުވަހާއި ގަޑި އަންގާނީ ”ފަހި ޕޯޓަލް“ މެދުވެރިކޮށެވެ.
ހުޅުމާލެ ފޭސް 2 ގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގާއިމުކުރަމުންދާ 32 ޓަވަރުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެފްޑީސީން ބުނެ އެވެ.
އެފްޑީސީގެ ސައިޓް އިންޖިނިއަރު އަލީ މުހައްމަދު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެކްސްޓަރނަލް މަސައްކަތްތަކެވެ. އެގޮތުން އެންބީސީސީގެ މަސައްކަތްތައް 90 ޕަސެންޓަށް ވުރެ މަތިން ނިމި، ކޭޕީއޭއެލްގެ މަސައްކަތްތައް 85 ޕަސެންޓަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ ސަރވިސް ކަނެކްޝަންތަކުގެ މަސައްކަތްތަކެވެ.
އެފްޑީސީގެ ބިޒްނަސް ޑެވެލޮޕްމަންޓްގެ ސީނިއަރ އޮފިސަރ ފިޒްރާ ވިދާޅުވި ގޮތުގައި، ޓަވަރުތަކުގައި މީހުން އާބާދުވާން ފަށާއިރު، ކޮމާޝަލް ޔުނިޓްތައް ދޫކުރާނީ ޒަރޫރީ ޚިދުމަތްތައް ޓަވަރު ތެރެއިން ނުވަތަ ކައިރިން ލިބޭނެ ގޮތަށެވެ. މީގެ ތެރޭގައި ޑޭކެއަރ، ތަޢުލީމީ މަރުކަޒުތައް އަދި ގްރޯސަރީ ފަދަ ތަންތަން ހިމެނެއެވެ.
ހުޅުމާލެ ބޯހިޔާވަހިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް