ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހިދާނެ ހާލަތަކަށް އިލެކްޝަން ކޮމިޝަން (އީސީ) އޮތީ ތައްޔާރަށް ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ޞަލާޙް ރަޝީދު ވިދާޅުވެއްޖެއެވެ.
ޞަލާޙް މިފަދައިން ވިދާޅުވެފައިވަނީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ބިލެކެވެ.
”އިންތިޚާބު ބާއްވަން ކޮމިޝަނަށް މަތި ކުރެވޭ ހިސާބުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވަން ކޮމިޝަން އޮތީ އިދާރީ ގޮތުން ތައްޔާރަށް،“ ޞަލާޙު ވިދާޅުވިއެވެ.
ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނެ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރުން، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަދަލުކުރުން ހިމެނެއެވެ.
އޭގެއިތުރުން، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތާ މެދު އަދި ރާއްޖޭގެ ސަރަހައްދު ބަދަލު ކުރުމާ ގުޅޭ ގޮތުންވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގިދާނެއެވެ. ބިލުގައިވާ ގޮތުން، މިފަދަ ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަން ޖެހެއެވެ.