ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދ. އަތޮޅު ކައުންސިލަށް ދީފައިއޮތް މިނިމަސްގަލި، 21 އަހަރަށް ކުއްޔަށް ދީފި އެވެ.
ސިޓީސް މިނިސްޓްރީއިން މިނިމަސްގަލި ދ. އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހެވެ. މިނިސްޓްރީން ވަނީ މިނިމަސްގަލީގެ އިތުރުން އެއަތޮޅު ފެންފުށިވެސް އަތޮޅު ކައުންސިލަށް ދީފަ އެވެ.
ދ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، އެ ދެ ރަށް ލިބިގެންދިއުމުގެ ސަބަބުން ދެ ރަށް ތަރައްޤީކޮށް، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމުގެ ފުރުޞަތު ލިބިގެންދާނޭ ކަމަށެވެ.
ދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއް ބުނެފައިވަނީ، މިނިމަސްގަލި ބެލެހެއްޓުމަށް ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް 21 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. ޔަޝް އެގްޒޮޓިކް ކުންފުންޏަކީ މިހާރުވެސް އެއަތޮޅުގައި ފުޅާދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ އަތޮޅު ދޫރެސްގައި ހިންގަމުން އަންނަ ރިސޯޓްއަކީ އެ ކުންފުނީގެ ރިސޯޓެކެވެ.
ދ. އަތޮޅު ކައުންސިލުން ބުނެފައިވާގޮތުގައި މީގެފަަހުން އެފަރާތުގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން އެރަށަށް އަރާ ފޭބުމަކީ މަނާކަމެއް ކަމެކެވެ.
ބައެއް ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުން ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމި ރަށްތަކުގެ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށެވެ. ނަމަވެސް ދާދިފަހުން ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްތަކުގއި ހުންނަ ބިންތައް އަމިއްލަ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.
ސަަރުކާރުން މިހާރު އަންނަނީ އަތޮޅު ކައުންސިލްތައް އުވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.