ލ. މާވަށުގައި ވަޅިއަކުން ހަމަލާދީ މަރާލި ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމް (29އ) މަރާލުމުން އޭނާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.
މޫސަގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ތެރޭގައި 2021 ވަނަ އަހަރު ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާކުރި މައްސަލައަކާއި، 2020 ވަނަ އަހަރު މާވަށުގައި މީހަކަށް އަނިޔާކުރި މައްސަލައާއި، ހަމަ އެ އަހަރު ހިނގި ބިރުދެއްކުމުގެ މައްސަލައެއް ހިމެނެއެވެ. މި މައްސަލަތަކުގެ ޝަރީއަތް ފެށިފައިވަނިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.
މިދިޔަ ޖުލައި 28 ވަނަ ދުވަހު މޫސަ މަރާލި މައްސަލައިގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ. މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މުހައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމަށްފަހު، މާލެ ގެނެސް މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ ވަޅުލާފައެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ދެމީހުންގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.



