ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ ސަލާމަތް ރައްކާތެރިކުރަން އެހީ ވާނަން: ޗައިނާ

Advertisement

އެންމެ ފަސް

Advertisement

ޗައިނާއިން ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަހައްދީ ސަލާމަތް ރައްކާތެރިކުރުމުގައި އެހީތެރިވެދޭނެކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ ތަރުޖަމާނު މާއޯ ނިންގ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވެވި ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ރައީސް މުޙައްމަދު މުއިއްޒު ޓިއަންޖިންގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ޗައިނާގެ ސަރުކާރުގެ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޗައިނާ އާއި ދިވެހިރާއްޖެއަކީ އެއް އަމާޒުތަކެއް ހިއްސާކުރާ، އަދި ކޮންމެ ހާލަތެއްގައިވެސް އެކުގައި ތިބޭ ދެ ގައުމު ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ދެ ގައުމުގެ ރައީސުން އެއްބަސްވެވަޑައިގެންނެވި ގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ފުޅާ ދާއިރާއެއްގައި އިސްތިރާޖީ ބައިވެރިކަމަކަށް ބަދަލުކުރެވިފަ އެވެ.

މީގެ އިތުރުން، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަޝްރޫޢުތައް ވަނީ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވަނީ ގިނަގުނަ ފައިދާތަކެއް ލިބިފައިކަމަށް އެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެ އެވެ.

ދިވެހިރާއްޖެއަށް އެންމެ އެކަށޭނަ ތަރައްޤީގެ މަގެއް ހޯދުމުގައި އެހީތެރިވެދޭނެ ކަމަށްވެސް އެ ޕޯސްޓްގައި ބަޔާންކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ