ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހާޖީ ސްކޮޑްގެ ސާޖަންޓް މުޙައްމަދު އަރުޝަދު ހޮވިއްޖެ އެވެ.
މި ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ހޮވާފައިވަނީ ދ. ވާނީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓުގެ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ. ށ. ފީވަކަށް އުފަން މުޙައްމަދު އަރުޝަދަށް ވަނީ ކޮމިޝަނަރސް އެކްސެލެންސް އެވޯޑުވެސް ލިބިފަ އެވެ.
މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނާވީނާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޯހުގެ އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ސާޖެންޓް އަހުމަދު ޝިބާމް ހޮވުނު އިރު، އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒެވެ. އަދި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކޮޑަކަށް ހޮވިފައިވަނީ އައިނެއްލާ ސްކޮޑެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދެއެވެ.
މި ފަހަރުގެ ކޯހުގައި 138 ދަރިވަރުން ބައިވެރިވެ، އޭގެ ތެރެއިން 116 ދަރިވަރުން ވަނީ ކޯސް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 97 ފިރިހެން ފުލުހަކާއި 41 އަންހެން ފުލުހެކެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް