ގައުމެއްގެ ހަގީގީ ކުރިއެރުމަކީ އެ ގައުމެއްގެ ގައުމިއްޔަތު އެ ގައުމެއްގެ ކޮންމެ މީހެއްގެ ހިތުގައި އާލާކޮށް އެ ގައުމިއްޔަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުތަކަށް ކުރެވޭނެ ކަންކަން، ސަރުކާރުތަކުން ކުރާނެ ކަމަށެވެ. އެގޮތުން ތަރައްގީގެ މަޝްރޫތައް ހިންގާ، ގައުމަށް ކުރިއެރުން ގެންނަން މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ހަގީގީ ކުރިއެރުމަކީ ކޮންމެ ދިވެއްސަކު އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށާއި، އެގޮތުން ގައުމިއްޔަތު ހިތުގައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަކީ އެންމެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވި އެވެ.
”ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަށްދާނީ، އެގޮތަށް އެންމެން އެއް ވިސްނުމެއްގައި، ގައުމީ ވިސްނުމުގައި، ގައުމު އިސްކޮށްގެން“ ރައީސް މުއިއްޒު
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހިންގެ މާޒީގައި ހުރި ރީތި އާދަތަކާއި، ދިވެހިވަންތަކަމާއި، ދިވެހި ގައުމިއްޔަތުގެ ސިފަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެކެވެ. އަދި މިއަދު ދިވެހިން އަޒުމް އާކުރަންވީ ކަމަކީވެސް މިއީ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިންނަކީ މައިންބަފައިންނަށް އިހްތިރާމްކުރާ، އަވަށްޓެރިންނަށް އޯގާތެރި، މުސްކުޅިންނަށް ހެޔޮކޮށްހިތާ، އަދި ކުޑަކުދިންނަށް އަޅާލާ ބައެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވި އެވެ. އަދި ކޮންމެ މީހަކަށްވެސް ލިބިގެންވާ އިއްޒަތާއި، އަބުރާއި، ޝަރަފު އަނެކާއަށްވެސް ލިބިގެންވާކަން ގަބޫލުކޮށް، ކުރީގައި ދިވެހިވަންތަކަން މި ގައުމުގައި އޮތް ފަދައިން، އެ ސިފަތައް އަލުން އާލާކުރަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ މިފަދަ ރީތި ސިފަތައް އަލުން އިއާދަކުރުމަކީ މިއަދު ދިވެހިން އަޒުމް ކަނޑައަޅަންވީ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ.
ހއ. އުތީމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމީ ދުވަސް