ދިވެހި ދައުުލަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފި އެވެ.
ސަރަފުވެރިކަމުގެ ގައުމީ އިނާމް އެ ބޭފުޅުންނަށް އަރުވާފައިވަނީ، ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަން ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ ރާއްޖޭގެ ތާރީހުގައި މާލެއިން ބޭރުގައި ޝަރަފުވެރިކަމުގެ އިނާމު އަދި ހިތްވަރުދިނުމުގެ އިނާމް އެރުވުނު ފުރަތަމަ ފަހަރު އެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު (މއ. ފީރޯޒްވާދީ)
- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން މުޙައްމަދު މަޢުރޫފް ޖަމީލް (މ. ދޫރެސް)
- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން އަލްމަރްޙޫމް މުޙައްމަދު މާޖިދު (ގ. ކްރީމްގެ)
ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި ޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވާ، އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ގިނަ ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވާފައިވާ ބޭފުޅެކެވެ.

އިމާރާތްކުރުމުގެ ދާއިރާއިން އިނާމު ލިބިވަޑައިގެންނެވި މައުރޫފަކީ ރާއްޖޭގައި އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އެންމެފަހުން ހުންނެވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގަ އެވެ.
ޕަރފޯމިންގ އާޓްސްގެ ދާއިރާއިން އިނާމު ލިބިވަޑައިގެންނެވި މެޒޯ މޯޑަކީ ދިވެހި މިއުޒިކަށް 48 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މެޒޯގެ މަސައްކަތުގެ އަގުވަޒަންކޮށް، 2010 ވަނަ އަހަރު ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަކިޔުމާއި މިއުޒިކް ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. އުމުރުން އެންމެ ނުވަ އަހަރުގައި 1977 ގައި ކޯބްރާސް ބޭންޑާއެކު މިއުޒިކް ކުޅެން ފެއްޓެވި މެޒޯއަކީ ދިވެހިވަންތަ، އަމިއްލަ ރާގުގެ ލަވަތައް އުފައްދައި، ކިޔުމުގައި އެފަދަ ދެވަނައެއް ނެތް ފަންނާނެކެވެ.

މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ މި ތިން ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުން އަރުވާފައެވެ.