ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު ކަނޑާލާ، އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ މިއަދު އެވެ.
މި އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެއް ދައުރެއްގައި އަދާކޮށްފައިވާ މީހަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ، އެ މަގާމު އަދާކުރާ މުއްދަތުގައި ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތް ނުލިބޭނެ ކަމަށެވެ. އަދި ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ކުރީގެ ރައީސުންގެ އިނާޔަތް ނުލިބޭނެ ކަމަށެވެ.
ކުރީގެ ރައީސަކު ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މުއްދަތުގައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެން ނުވާކަމަށް މި އިސްލާހުގައި ބުނެފައިވެ އެވެ.
މި އިސްލާހުގެ ތެރެއިން ހުށަހަޅާފައިވާ އެންމެ ބޮޑު އެއްކަމަކީ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު އުނިކުރުމެވެ. ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މިހާރު މަހެއްގެ މައްޗަށް 175،000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދެ އެވެ. މިއަދު ތަސްދީގު ކުރި ބިލާއެކު މި ޚަރަދު ދެން ކުރީގެ ރައީސުނަށް ނުލިބޭނެ އެވެ.
މީގެއިތުރުން މި އިސްލާހުގެ ދަށުން ކުރީގެ ނައިބު ރައީސުނަށް އިނާޔަތުގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭނެ އެވެ. އަދި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެ އެވެ. މި ޤާނޫނުގެ ދަށުން ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ލިބޭނީ ފަސް އަހަރުގެ ދައުރެއްގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލުގެނައުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އަދި މިފަދަ ބަދަލެއް ގެންނަންޖެހޭނަމަ، އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއެއް ހޯދުމަށް މަޖިލީހަށް ހުށަހެޅިދާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި ބޮޑު ހޭދައެއްކުރާތީ، ދޭތެރެދޭތެރެއިން އެކަމަށް ފާޑުކިޔާ ސޯޝަލްމީޑިއާގައި ވާހަކަދައްކަ އެވެ.
މިހާތަނަށް އަމަލުކުރަމުން އައިސްފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު -/50,000 ރުފިޔާ އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، -/75,000 ރުފިޔާ ލިބެ އެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު -/50,000 ރުފިޔާ ލިބެ އެވެ. އަދި މުޖުތަމައުއަށް ފައިދާހުރި އިޖްތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު -/175,000 ރުފިޔާ ހަމަޖައްސަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް މުހައްމަދު ނަޝީދު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް



