އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އިން އިންތިޒާމްކޮށްގެން ބާއްވާ ”މޯލްޑިވްސް ސީއެފްއޯ ފޯރަމް 2025“ ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރާއްޖޭގައި މިފަދަ ފުރަތަމަ ފޯރަމްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް އަމާޒުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން ދިވެހިރާއްޖޭގައި ވިޔަފާރި ހިންގާ ބޮޑެތި ކުންފުނިތަކުގެ ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ސީއެފްއޯ އިންނާއި ފައިނޭންސް ލީޑަރުންނަށެވެ. މި ފޯރަމްގެ މައިގަނޑު އަމާޒަކީ ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޕްރޮފެޝަނަލިޒަމް އިތުރަށް ކުރިއެރުވުމެވެ.
ފޯރަމްގައި ކުރިއަށްގެންދާނެ ސެޝަންތަކުގެ ތެރޭގައި، ބަދަލުވަމުން އަންނަ ސީއެފްއޯ އިންގެ ދައުރު، ފައިނޭންސްގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް އަދި އޮޓޮމޭޝަން، ކެޕިޓަލް މާކެޓް، އަދި ރިޕޯޓިންގއާ ސަސްޓެއިނަބަލް ވެލިއު އުފެއްދުން ފަދަ މުހިންމު މައުޟޫތައް ހިމެނެއެވެ. މި ސެޝަންތައް ނަގައިދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ ފެންވަރުގެ ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުންނެވެ.
ކްރޮސްރޯޑްސްގައި މި މަހުގެ 30 ވަނަ ދުވަހުގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސީ.އޭ މޯލްޑިވްސްގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ހަފުތާގެ ބުދަ ދުވަހުގެ 15:00 އެވެ.