ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރަކީ، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑާ އެޑްމިރަލް ކާދިރް ޔިލްޑްޒް، އެމަނިކުފާނަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި ތުރުކީން ރާއްޖެއަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްފައިވެއެވެ. ’ދަރުމަވަންތަ‘ ގެ ނަން ދީފައިވާ މި މަނަވަރު ހަވާލުކުރީ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.
ރާއްޖެ-ތުރުކީ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވުނު އެންމެ ބޮޑު އުޅަނދެވެ.
މިއަދު ބޭއްވުނު ބައްދަލުވުމުގައި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ތުރުކީން ވަނީ މި މަނަވަރުގައި މަސައްކަތްކުރާ ދިވެހި ސިފައިން ތަމްރީނުކުރުމަށް މިދިޔަ އޭޕްރީލް އާއި މޭ މަހު އެ ގައުމުގައި ތަމްރީން ޕްރޮގްރާމެއް ވެސް ހިންގާފައެވެ. މި ބާވަތުގެ މިސައިލް ބޯޓުތައް ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަން ފަށާފައިވަނީ 1984 ގައެވެ. އަދި މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ތުރުކީ