އިޒްރޭލް ޕާސްޕޯޓް މަނާކުރުމުން ގޯސް އަސަރެއް ނުކުރޭ، ކުރީ ފައިދާ: މިނިސްޓަރު ޚަލީލް

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުން ރާއްޖެއަށް ގޯސް އަސަރެއް ނުކުރާ ކަމަށާއި ކުރީ ފައިދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ދަތިވާނެކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކިކަން ފާހަގަކުރައްވާ އެކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށްވިނަމަވެސް، ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަރަބި އިސްލާމީ ގައުމުތަކާއެކު އޮތްގުޅުން ވަރުގަދަ ވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ އެއް ގައުމަކީ ރާއްޖެ ކަމަށާއި އެގޮތުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތަށް ހެދިކަމަށް ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން އިސްލާމީ ގައުމުތަކުގެ ތާރީފު ރާއްޖެއަށް ލިބުނު ކަމަށާއި، މިއަދު ވިލާގެ ގައުމުތަކުންވެސް ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލަން ފަށާފައިވާކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުން ރާއްޖެއަށް ގޯސް އަސަރެއް ނުކުރާ ކަމަށާއި ކުރީ ރަނގަޅު އަސަރުތަކެއް ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމީ ގައުމުތަކާ އޮތްގުޅުން އިތުރަށް ބަދަހިވިކަމަށާއި އަދި އިސްލާމީ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަނެފައިވާ ކަމަށާއި އަދި ޚާއްސަކޮށް އަރަބި ޤައުމުތަކުން އަދި އިސްލާމީ އުންމަތުން ބަލައިގަންނެފައިވާ ކަމަށްވެސް މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖެ - ފަލަސްތީން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ