ހައިކޯޓު ފަނޑިޔާރު ކަމަށް 14 ބޭފުޅުން ކުރިމަތިލައްވައިފި

Advertisement

އެންމެ ފަސް

Advertisement

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ ދެ ފަނޑީޔާރެއްގެ މަގާމު ހުސްވެފައިވުމާ ގުޅިގެން، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލި އެވެ. އެފަހަރު ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޖޭއެސްސީން ނިންމީ ކުރީގެ ގާޒީ ޢަބްދުﷲ ޖަމީލް މޫސާ އަދި މުޙައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށެވެ.

އެހެންނަމަވެސް މުހައްމަދު ޝަހީދު ވަނީ އޭނާ އެމަގާމަށް އައްޔަނު ކުރުމަށް ނިންމުމުން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން މަގާމާ ހަވާލުވުމަށް އުޒުރުވެރިވާކަން ހާމަކޮށްފަ އެވެ. އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ އެފަހަރު ކުރެއްވީ ކުރީގެ ގާޒީ ޢަބްދުﷲ ޖަމީލް މޫސާ އެކަނި އެވެ.،

މިފަހަރު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ އޮގަސްޓް 5 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވިއިރު 14 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ:

  1. ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
  2. ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު
  3. ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް
  4. ޕީޖީ އޮފީހުގެ ވަކީލް އިބްރާހީމް ނާސިހް
  5. ކުރެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސުލައިމާން މުހައްމަދު
  6. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް
  7. ނިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމް
  8. ސ. ހިތަދޫ ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް
  9. މަރިޔަމް ހަނީފާ ހާލިދު
  10. އުއްމު ކުލްސޫމް އަބޫބަކުރު
  11. އަލީ ނަސީރު
  12. މުހައްމަދު ޒާހިދު
  13. އަޝްފާގު ނައީމް
  14. މުހައްމަދު ނިޝާތު

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 45,700 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯން އެލަވެންސް ލިބެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ، އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށްވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އަދި އަބްދުﷲ ޖަމީލް މޫސާ އެވެ.

ހައި ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ