ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުޓުވުމަށް މަސައްކަތްކުރުމުން ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރުމަށް ފުލުހުން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ހުޅުމާލެ ފޭސް1 އަދި ފޭސް2 ގައި ދުއްވާފައިވާ ކަމަށެވެ.
މި ކާރުގެ ފަހަތުން ފުލުހުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސާ ވައްޓާލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މި ހާދިސާގައި ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި، ކާރު ދުއްވި ފިރިހެން މީހާއާއި ކާރުގައި އިން އަންހެން މީހާ ފުލުހުންގެ ހައްޔަރަށް ގެނެސްފައިވާ ކަމަށެވެ. އަދި ސީންގައި މިވަގުތު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.



