ޖޫން 1 ވަނަ ދުވަހު މާލެ އަދި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނު މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޖޫން 1 ވަނަ ދުވަހު، ގާތްގަނޑަކަށް 6 ގަޑިއިރަށް މާލެ ހުޅުމާލެ ”ޓޯޓަލް ބްލެކްއައުޓް“ އަކަށް ގޮސްފައިވެ އެވެ. ކަރަންޓު ކެނޑުމުގައި ޖިނާއީ ކަމެއް ހިމެނޭތޯ ބެލުމަށް ފުލުހުން ތަހުގީގެއް ފެށި އެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ، ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
”އަދި މި މަޢުލޫމާތައްބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން.“ ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ ތަހުޤީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކޮށްދޭނެ ކަމަށެވެ.
މިއަދުވެސް މާލެ އަދި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑިފައިވެ އެވެ. އަދި އެއްކޮށް ކަރަންޓު ދެވިފައިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.
