މި އަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އުތީމު ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ޤައުމީދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ އުތީމުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާން ކުރަށްވާފައިވަނީ، މިއަހަރުގެ ޖެނުއަރީގައި އެމަނިކުފާނު އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
’ޖަވިޔަނި‘އަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، ގައުމީ ދުވަސް އެރަށުގައި ފާހަގަކުރެއްވުމަށް ރައީސް ނިންމެވި ހިސާބުން ފެށިގެން، އެ ރަށު ކައުންސިލުން ގައުމީ ދުވަހަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ގައުމީ ދުވަހަށް ވާނެޖެހޭ ތައްޔާރީތައް ކައުންސިލުން އެ ރަށުގެ ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ވަރަށް ބާރަށް ކުރިޔަށް ގެންދާކަން ފާހަގަކުރެއްވި އެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގެ އިތުރުން، އަތޮޅު ފެންވަރުގައި ސަގާފީ ކުޅިވަރުތަކާއި، ހަވާ އެރުވުން، ކުޑަކުދިންގެ ހަވީރު އަދި ބޮއްކުރާ ރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޤައުމީ މަޝްރޫއެއްގެ ގޮތުގައި އުތީމުގައި ޤައުމީ ދުވަސް މިއަހަރާއި އަންނަ އަހަރު ފާހަގަކުރެއްވުމަށް ނިންމެވިކަން ރައީސް މުއިއްޒު ވަނީ ކުރިން އިއުލާނު ކުރައްވާފަ އެވެ.
ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.
ހއ. އުތީމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމީ ދުވަސް