ލ. މާވަށުގައި ވަޅިއަކުން ހަމަލާދީ މަރާލި ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މޫސާ އިބްރާހީމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ އޮގަސްޓް 6 ގައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަސަރީ މަންޒިލް / ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29 އަހަރު، އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެކެވެ. އޭނާ ހައްޔަރު ކުރީ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.
އެރަށުގެ ވޮލީ ކޯޓް ސަރަހައްދުގައި ހުއްޓާ މޫސާ އިބްރާހިމަށް ހަމަލާދީފައިވަނީ ވަޅިއަކުން ކަރަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ހާދިސާ ހިނގީ އެ ދެމީހުންގެ ދެމެދުގައި ޖެހުނު ފައިސާގެ މައްސަލައެއްގައިކަމަށްވެ އެވެ.
ހައްޔަރު ކުރި މުހައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ދެމީހުންގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަމަލާ ދިނުމުގައި ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމަކުން ހޯދާފައިވާ ކަމަށާއި، އެ ވަޅި ހޯދާފައިވަނީ މޫދަށް ފީނައިގެންކަމަށް ފުލުހުން ބުނެ އެވެ.