ފުވައްމުލަކު ފުނާޑު އަވަށުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 2:40 ހާއިރު އެވެ. އެކްސިޑެންޓް ހިނގި އިރު، އެ ކުއްޖާ ހުސްނުހީނާ މަގުން ދުއްވާފައި ދަނިކޮށް ފުރަތަމަ ޖެހުނީ ފާރެއްގައެވެ. އޭގެ ފަހުން ކޮންޓްރޯލް ގެއްލި، އެ ސަރަހައްދުގައި ހުރި މަގުބައްތީގެ ހޮޅިދަނޑީގައި ޖެހި، ވަރަށް ބޮޑަށް އަނިޔާވި އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، އެކްސިޑެންޓްވުމާ ގުޅިގެން އަވަހަށް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ފަރުވާ ދެމުންދަނިކޮށް ރޭ 3:40 ހާއިރު ވަނީ ނިޔާވެފައެވެ.
ފާއިތުވި މަހުގެ ތެރޭގައި މާލޭގައި ވެސް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ އަނެއް ކުއްޖަކު ވަނީ ނިޔާވެފައެވެ.