އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި ކޮމިޓީ ރިޕޯޓު އިއްވާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީއަތާއި ޤާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނުވަނީ މަދަނީކޯޓުގެ ޤާޟީކަން ކުރައްވާފަ އެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 މާރޗް 14 ވަނަ ދުވަހު އެވެ. އަދި 21 ސެޕްޓެމްބަރު 2008 ން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް، ހައިކޯޓްގެ އިސްފަނޑިޔާރުގެ މަގާމް ފުރުއްވާފައިވެ އެވެ.

ޣަނީ ވަނީ 28 ޖޫން 2018 އިން 04 ޑިސެންބަރު 2019 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޣަނީ އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރު އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތި ލެއްވީ ތިން ބޭފުޅުންނެވެ. އެއީ:

  1. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
  2. ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
  3. ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަނު ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުވާ ނަމެއް މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އަދި މަޖިލީހުން ނަމެއް ފާސްކުރާތާ 7 ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މުއުތަސިމް އަދްނާން ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ