ވައިގަދަވެ، ކަނޑުތައް ގަދަވާނެތީވެ ރާއްޖޭގެ އުތުރުން ފެށިގެން މެދުރާއްޖެތެރެއަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރިއްޖެ އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު ޔެލޯ އެލާޓްގެ އިންޒާރުގައިވާ ގޮތުން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިއްސާރަވެ، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. މި އެލާޓްގެ މުއްދަތަކީ ހެނދުނު 7:30 އިން މެންދުރު 13:30 އަށެވެ.
މީގެއިތުރުން، އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓްގެ އިންޒާރެއްވެސް މެޓް އޮފީހުން ނެރެފައިވެއެވެ. މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
”ޖަވިޔަނި“ އަށް މެޓް އޮފީހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފަތި ދުވަހު ކަމަށެވެ. މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ބެހެއްޓުމަށް މެޓް އޮފީހުން އިރުޝާދު ދެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުގެ އެންގުންތަކަށް ސަމާލުވުމަށްވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.


