މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އެ ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ، މާލެ އިން ފުރައިގެން ވޭމަންޑޫއަށް ދަތުރުކުރި ”އަލްމަޖްރާ“ ދޯނި މ. ދިއްގަރު ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ވ. ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން ކަމަށެވެ.
އެ ދޯނީގައި ގިނަ އަދަދަކަށް ފީވީސީ ފިލަ އާއި އިމާރާތްކުރުމާ ގުޅުން ހުރި ގިނަ ސާމާނުތަކެއް ހުރި ކަމަށް ދޯނީގައި ތިބި މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. މުދަލާ އެކު ދޯނި މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ.
އެ ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.


