ހުޅުމާލެ ފޭސް 2 ގެ މައި ޕާކު އޭރިއާގެ ގޮތުގައި ފަރުކޮޅުފުށި ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިއީ މިއަހަރު އިފްތިތާހުކުރި ހުޅުމާލޭގެ އާ މާސްޓަރ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް މަޝްރޫ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭތާ 5 އަހަރު ވެގެން ދިޔައިރުވެސް، އާންމުން އެއްވެ އުޅެވޭނެ އެކަށީގެންވާ ޕާކެއް ނުވަތަ ގްރީން ސްޕޭސްއެއް ނެތްކަމުގެ ކަންބޮޑުވުންތައް ގިނަ ބަޔަކު ފާޅު ކުރެ އެވެ. މި ކަންބޮޑުވުން ހައްލުކުރުމަށް، އާ މާސްޓަރ ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ ފޭސް 2 ގައި ގްރީން ސްޕޭސްތައް އިތުރުކޮށް، އެ ސަރަހައްދަކީ މީހުން ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ތަނަކަށް ހެދުމަށެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފަރުކޮޅުފުށި ޕާކުގައި ގިނަ ރެކްރިއޭޝަނަލް ވަސީލަތްތަކެއް ޤާއިމްކުރެވޭނެ އެވެ. މީގެ ތެރޭގައި އައުޓްޑޯ ޖިމަކާއި ފުޓްބޯޅަ ޕިޗެއް އަދި އެހެނިހެން ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ހިމެނެ އެވެ. އަދި ބާބަކިއު އޭރިއާއަކާއި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން ވެސް ހިމެނޭނެ އެވެ.
މީގެ އިތުރުން ”އެސްޖެހިގެ“ އެތަނަށް ބަދަލު ކުރުމަށްވެސް ވަނީ ނިންމާފަ އެވެ. ތާރީޚީ ”އެސްޖެހިގެ“ އިމާރާތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަރާމާތުގެ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. މި އިމާރާތް ބޭނުންކުރެވޭނީ ކެފޭ/ރެސްޓޯރަންޓެއްގެ ގޮތުގަ އެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ވެގެންދާނީ ކޮމިއުނިޓީ ހަބަކަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ މިހާރު ލައްކައަކާ ގާތްކުރާއިރު، އަލަށް ނިމެމުންދާ 4000 ހައުސިންގ ޔުނިޓާއެކު މި އަދަދު އިތުރަށް މައްޗަށް ދާނެ އެވެ. އެހެންކަމުން، އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށް، ހުޅުމާލޭގެ އާ މާސްޓަރ ޕްލޭންގައި ފޭސް 2 ގެ އެހެން ސަރަހައްދުތަކުގައިވެސް ގްރީން ސްޕޭސްތައް ތަރައްޤީކުރުމަށް ވަނީ ހިމަނާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ފޭސް 2