އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެއިން ފުރާވަޑައިގެންފި އެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ.
މޯދީ ފުރާވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއަށް މޯދީ ދަތުރުފުޅެއް ކުރެއްވީތީ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ގިނަ މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ހަތަރު އެމްއޯޔޫއާއި ތިން އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔަ އެވެ.
އޭގެ އިތުރުން މޯދީއާއެކު ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކޮށް އިންޑިއާގެ އެހީގައި މުހިންމު މަޝްރޫއުތަކެއް ފެށިގެން ދިޔަކަން ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ދެގައުމުން ހާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރޭ އަހަރުކަމަށްވުމުން ދެ ގައުމުން ގުޅިގެން ވަނީ ސްޓޭމްޕެއްވެސް ނެރެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މޯދީގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން މުސްތަގުބަލުގައި އޮންނާނެ ގޮތުގެ ފުރިހަމަ ފާލެއް އެޅިގެން ދިޔަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަކީ ނަތީޖާ ނެރެވޭފަދަ މުހިންމު މަޝްވަރާތަކެއް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖެއިން ފުރާ ވަޑައިގެންނެވުމުގެ ކުރިން ބޮޑު ވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެއްވި މެހެމާންދާރީއަށްޓަކައި ހިތުގެ އެންމެ ފުންމިނުން ރައީސް މުޢިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް މޯދީ ފާހަގަ ކުރެއްވި އެވެ. ރައީސް މުޢިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެކަމަށްވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރާއްޖެ - ޖަޕާން
