އަންނަ އަހަރުގެ ބަޖެޓުގައި ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހެން ވިދާޅުވެފައިވަނީ ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިރަށް މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މަނަދޫ އަދި މުޅި ރާއްޖޭގައި ވެސް އެންމެ ބޮޑު ކަމަކަށް އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހިންގަން ޖެހޭ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއްވެސް ރަށެއްގައި އެ ރަށަކަށް ބޭނުންވާ ވަރަށް ހައުސިން މަޝްރޫއެއް އަހަރު ތެރޭ ނުހިންގޭނެ ކަމަށާއި، އެހެންކަމުން، މި އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި 58 ރަށުގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި މަނަދޫ ވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ 5 ޕަސެންޓް އިންޓްރެސްޓް ލޯން ސްކީމްގެ ތެރެއިން މަނަދޫގެ ރައްޔިތުންނަށް ދެވެން އޮތް މިންވަރަކަށް ލޯނުތައް ދޫކުރެވޭނެ ކަމަށާއި، އަންނަ އަހަރު ވެސް އަދި ކޮންމެ އަހަރަކު ވެސް މި ލޯން ސްކީމަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.