ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރަށްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖާއަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވަނީ ނިޔާވެފަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، އުމުރުން 16 އަހަރުގެ ކުއްޖާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެކްސިޑެންޓުގައި އަނިޔާވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެސް އައިޖީއެމްއެޗްއިން ބުނެފައިވެ އެވެ.