މާލޭގައި ތަރައްޤީކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެ އެވެ.
ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، ފަސޭހަ ނިޒާމެއްގެ ތެރެއިން ޑޮކްޓަރަށް ދެއްކޭނެ މަގުފަހިކުރުމަށް މާލޭގައި އާންމު ބަލީގެ ކްލިނިކްތައް ޤާއިމުކުރަމުންދާ ކަމަށާއި، މިފަދަ ފުރަތަމަ ކްލިނިކް މިމަހު ހުޅުވާނެ ކަމަށެވެ.
މާލެ ސަރަޙައްދުގައި ހުޅުވާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަނީ މާފަންނު ކޮރަލް ބޮލެވަރޑް ހުރި އިމާރަތުގަ އެވެ.
ރައްޒާގު ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އިތުރަށް ފަސޭހަ ކުރުމަށްޓަކައި ޓެލެމެޑިސިންގެ ޚިދުމަތް ފެށުމަށްޓަކައިވެސް ތައްޔާރުވަމުންދާ ކަމަށެވެ. މިއާއެކު އަތޮޅުތަކުން މާލެއަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ފުރަތަމަ އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
ހެލްތް މިނިސްޓްރީއާއި، ބައެއް އަތޮޅުތަކުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ގުޅިގެން މިވަގުތު މިނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފައިވެ އެވެ.