ޑެންގޫއާއި އިންފުލުއެންޒާ ހަލުވިކަމާއެކު ފެތުރޭތީ ސަމާލުވުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަޙްމަދު ފައިސަލް އެދިވަޑައިގެންފި އެވެ.
ޑރ. ފައިސަލް މިހެން ވިދާޅުވެފައި ވަނީ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ޑރ. ފައިސަލް ވިދާޅުވެފައި ވަނީ، ބައެއް ކުދިން ގައިގައި ރިއްސާ ނުހިނގޭ ވަރުވާ ކަމަށާއި، ބައެއް ކުދިންގެ ޙާލު ސީރިއަސްވާ ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް ޑރ. ފައިސަލް ވަނީ އިރުޝާދު ދެއްވާފަ އެވެ.
ހިންމަފުށި އަދި މާފުށިން ޑެންގޫ ޖެހިގެން ޑޮކްޓަރަށް ދައްކާ ކުދިން ގިނަ ކަމަށްވެސް ޑރ. ފައިސަލް ފާހަގަކުރެއްވި އެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައިވެ އެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މަދިރި އާލާވުމަށް މެދުވެރިވާ ހުރިހާ ކަމަކަށް ރައްކާތެރިވުން މުހިންމެވެ. މަދިރި އާލާވިޔަ ނުދިނުމަށްޓަކައި ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ތަންތަން މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުމާއި، ގަސްމުށި އަދި ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.



