ތ. ވިލުފުށީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މާލެ ގެނައި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ވިލުފުށީގައި އިއްޔެ ވަނީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެފަ އެވެ. މި ހާދިސާގައި ދެ މީހަކު ފިހިގެން ފަރުވާދިންއިރު ދޯނީގެ ވެރިމީހާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެެސްފަ އެވެ. މި ހާދިސާގައި ދެ ދޯންޏެއްގައި އަލިފާން ރޯވި އެވެ.
”ޖަވިޔަނި“އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގައި ފިހުނު މީހާއައް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އޭނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތުދެއްވި އެވެ.
ވިލުފުށީ ކައުންސިލްގެ ރައީސް އިއްޔެ ޖަވިޔަނިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާގައި ފިހުނު ބިދޭސީ މީހާއަށްވެސް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެ ދޯނީގެ ވެރިމީހާ އޮތީ ވަރަށް ބޮޑަށް ފިހިފައި ކަމަށް މައުލޫމާތުދީފައިވެ އެވެ.
ފުރަތަމަ ދޯނީގައި ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުންނެވެ. އަދި ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެންނެވެ.