ތުރުކީ އާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޚާއްޞަ ވަފުދާއި އެކު މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވައިފައި ވަނީ، ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޚާއްޞަ ވަފުދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ވަފުދުގައި ތުރުކީ-ދިވެހިރާއްޖެ އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް މަރުޙަބާ ދަންނަވައި، ދިވެހިރާއްޖޭގެ ސަރުކާރު އެކި އިދާރާތަކާ ގުޅިގެން މަސައްކަތްކުރެއްވުމަށް ދަޢުވަތު ދެއްވާފަ އެވެ. އަދި އިންޓަރޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅު ކުރައްވާކަން ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި ތުރުކީވިލާތުން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތަޢުރީފުކުރައްވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ. އަދި މި މައްސަލައިގައި ދިވެހިރާއްޖެއިން ވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތަފްޞީލަށްވެސް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން، އިޤުތިޞާދީ އިޞްލާޙީ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާބެހޭ މަޢުލޫމާތު އެމަނިކުފާނު ވަނީ ވަފުދާ ހިއްސާ ކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ތުރުކީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ