ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 8:26 ހާއިރުއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޑިންގީގައި ތިބި ތިން މީހުންނަށެވެ. އަނިޔާވި މީހުން ފުރަތަމަ ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު އިތުރު ފަރުވާއަށް ރޭ މާލެ ގެނެވިފައިވެއެވެ. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ، އެކްސިޑެންޓަށްފަހު ގެއްލިފައިވާ ކަމަށެވެ. އަދި އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިހާތަނަށް ކުރެވުނު މަސައްކަތުންވެސް ޑިންގީ ފެނިފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.