ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެމަސް ތެރޭގައި ތަޢާރަފުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިހާރު ގަވާއިދުން ލާޒިމްކުރާ ތާޑް ޕާޓީ އިންޝުއަރެންސްއަކީ އެ އިންޝުއަރެންސް ހަދާފައިވާ އުޅަނދަކުން އެހެން އުޅަނދުފަހަރަށް ލިބޭ ގެއްލުން ކަވަރުކޮށްދޭ އިންޝުއަރެންސެކެވެ. ނަމަވެސް އުޅަނދަށް ލިބޭ ގެއްލުންތަކާއި ވަގަށް ނެގުން ފަދަ ކަންކަން މި އިންޝުއަރެންސްގެ ދަށުން ކަވަރެއް ނުކުރެ އެވެ. މިއީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މައްސަލަ އެކެވެ.
”އަޅުގަނޑުމެން މިހާރު އިންޝުއަރެންސް ކުންފުނިތަކާ އެކު މަޝްވަރާކުރަމުން މި ގެންދަނީ ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭނެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރުމަށް.“ މިނިސްޓަރު އަމީން
މިނިސްޓަރު ވިދާޅުވީ މި މަޝްވަރާތަކަށް ފަހު ކުރިއަށް އޮތް ދެމަސް ތެރޭގައި ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ.
އާ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖް ތަޢާރަފުކުރުމުން އުޅަނދުފަހަރުގެ ވެރިންނަށް ލިބޭ ގެއްލުންތަކުން އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ އެވެ.
މީގެއިތުރުން މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޑްރާފްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި މި އިސްލާހުތަކާ އެކު މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން