އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ”ފަސް ފަނި“ ފޮނުވާފައިވާ ކަމަށާއި، އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބު ”ގެއްލުވާލާނެ“ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ފަލާހު ވިދާޅުވީ، ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ކަމަށާއި، 2023 ގައި އެމަނިކުފާނު އެމްޑީޕީ ރޫޅާލި ކަމަށެވެ. އަދި މިހާރު އެ ވަޑައިގަންނަވަނީ އަލުން ރޭވުމަށްކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށްކަން ދޭހަވާ މޭރުމަކުން ވާހަކަދައްކަވާ ފަލާހު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ.
އެމްޑީޕީއަށް ”ފަސް ފަނި“ ފޮނުވާފައިވާނެ ކަމަށާއި ކުރިއަށްއޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް އެއްކޮށް ގެއްލުވާލާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
”އަޅުގަނޑުމެން ތިބޭނެ ފަސް ފަނި ފޮނުވާފަ، އެމްޑީޕީއަށް މިހާރު، ފަސް ފަނި. އަންނަ ލޯކަލް ކައުންސިލް އިންތިހާބު، އެއްކޮށް ގެއްލުވާލާނަން އެމްޑީޕީއަށް.“ ފަލާހު ވިދާޅުވި އެވެ.
ފަލާހު މި މޭރުމުން ވާހަކަދެއްކެވިއިރު، ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއް އިއްޔަ ބާއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ވަނީ ނިންމާފަ އެވެ.
މިފަހުން ރައީސް ނަޝީދު ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ. އަދި އެމްޑީޕީ ތެރޭގައިވެސް ވަނީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފަ އެވެ.
އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނެވުމައްފަހު، އެ ޕާޓީ ދޫކުރައްވާ ނިކުމެވަޑައިގަތީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއި ދެމެދު ޖެހުނު މައްސަލަތަކަށްފަހު އެވެ. އޭގެފަހުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ’ދަ ޑިމޮކްރެޓްސް’ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައިވާއިރު، އެ ޕާޓީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މިފަހުން ވަނީ އެނބުރި އެމްޑީޕީއަށް ބަދަލުވެފަ އެވެ.
ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް އެމްޑީޕީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު