ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓު ނިންމާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.
އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ، ހަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ވަނީ މި މައްސަލައިގައި ކުރިން ހައްޔަރު ކޮށްފައިހުރި ރައުދު އަހުމަދު ޒިލާލުއާ ސުވާލު ކޮށްފަ އެވެ. ނަމަވެސް މި މައްސަލައިގައި ކޮމިޝަނުން ޔުމްނުގެ ބަޔާނެއް ހޯދިކަމެއް ނުވަތަ ހޯދަން މަސައްކަތް ކުރިކަމެއް ސާފެއް ނުވެ އެވެ.
ކޮމިޝަންގެ މެންބަރުން
- ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
މި މައްސަލައިަގއި ރައުދުގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފަ އެވެ. ރައުދުގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. މި ދައުވާގެ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.