ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ވަކި ފަރާތްތަކެއް ނާޖާއިޒު ގޮތުގައި ހިމެނުމުގެ މައްސަލައިގައި، ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއެކު އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުވާކުރުމަށް ހުށަހަޅާފައިވަނީ އަކްރަމް ކަމާލުއްދީނުގެ އިތުރުން، ހައުސިންގ މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް މުޙައްމަދު ޢާރިފް، ކުރީގެ ސީނިއާ އެގްޒެކެޓިވް ޟިރުޢާމް ވަޙީދު އަދި ކުރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްގެ މައްޗަށް ކަމަށެވެ.
މި ހަތަރު މީހުންގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން އިތުރު ކުށްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެ ކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް އޭސީސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.
މި މައްސަލައަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފޭސްގައި ދޫކުރި 4،000 ފުލެޓަށް މީހުން ހޮވުމުގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ވަނީ އަކްރަމް އާއި މި މައްސަލައިގައި ހިމެނޭ ޢާރިފް، ޟިރުޢާމް އަދި ވިޝާން ގެ ޕާސްޕޯޓުވެސް ހިފަހައްޓާފަ އެވެ. ނަމަވެސް މި މައްސަލަ ފަހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުން ނިންމީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންކަމުން، މި އަމުރު ބާޠިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފެންމަތިވީ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލަށް ހުޅުމާލޭން ގޯއްޗެއް ދިން ކަމަށް ބުނާ މައްސަލައިގައި ފުލުހުން ފެށި ތަހުގީގުގެ ތެރެއިންނެވެ. އެގޮތުން އެޗްޑީސީ މައްސަލައިގެ ތަހުގީގު ފަށާފައިވަނިކޮށް ޕީޖީ އައްބާސް ޝަރީފްގެ އަމުރަށް ފުލުހުން ވަނީ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ތެރެއިން ހިންގާފައިވާ ކަންކަން ބެލުމަށް ތަހުގީގެއް ފަށާފަ އެވެ. އެއަށްފަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ގޯތި ހިޔާނާތުގެ މައްސަލާގައި އަކްރަމްގެ މައްޗަށް ތުހުމަތުވާކަމަށެވެ. އަދި އެ ވަގުތާއި ހަމައަށް ބަޔާން ނެގި މީހުން ވަނީ އެ މީހުންނަށް ލިޔުންދިނީ އަކްރަމްކަމަށް ތުހުމަތުވާ މޭރުމުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ފަޒުލްގެ ބޭބެ، ފަޒީލްވެސް އަކްރަމްއާ ބައްދަލުވިކަމަށް ތަހުޤީޤްގައި މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކްރަމް ކަމާލުއްދީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެދޮރުވެރިޔާ ސްކީމް