ރާއްޖެ މައްކާ ރޫޓުގައި ހިމެނިފައިވަނީ އެއްވެސް އެއްބަސްވުމެއް ނެތި، ހަމައެކަނި ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދުގެ އެންގެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ’ރައްޔިތުންނާއެކު‘ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، މައްކާ ރޫޓުގައި ހިމެނިފައިވަނީ ވިއްސަކަށްހާސް މީހުން ޙައްޖަށް ގެންދާ ޤައުމުތަކެވެ. ނަމަވެސް ރާއްޖެއިން މިދަނީ އެއްހާސް މީހުން ކަމަށާއި އެހެން ޤައުމުތަކާ ޚިލާފަށް، ރާއްޖެއާއެކު އެއްވެސް އެގްރީމެންޓެއް ވެފައިނުވާކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ހަމަ ރަސްގެފާނާއި ވަލީޢަހުދު ހަމަ ކަނޑައަޅުއްވާފައި އެންގެވީ، މިކަން ކުރަން. އެހެންވީމާ، ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރި، ވަރަށްގާތްކޮށް ހިއްތަވަނީ.
މިއަހަރުގެ ޙައްޖު މޫސުމުގައި ރާއްޖޭގެ ޙާޖީންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. މީގެ ތެރޭގައި ޖިއްދާގައި މަޑުކުރުމެއްނެތި ސީދާ މައްކާއަށް ދިއުމާއި، މިނާގައި ފެންވަރު ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައިވުން ހިމެނެ އެވެ.
އިތުރު ފަސޭހައެއްގެ ގޮތުގައި، މިއަހަރު ޙައްޖު ޙާޖީން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި ކަމަށާއި، މިއީ ދެ ގަޑިއިރާ ތިން ގަޑިއިރާ ދެމެދުގެ ދަތުރެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މީގެ ސަބަބުން ޙާޖީންގެ ވަގުތު ސަލާމަތްވެ، ބަލިތަކުން ރައްކާތެރިވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރުގެ ހައްޖުގައި ރާއްޖެއިން ދާ ހައްޖާޖީން ކުރަންޖެހޭ ދަތުރުތައް މަދުވެފައި ދަތުރުތައް އަވަސްވުމުގެ ސަބަބުން ހަތަރު ފަސް ދުވަހެއް ކުރުވި ނަމަވެސް އޭގެ ސަބަބުން އަޅުކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މި ފުރުޞަތުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދަށާއި، ސައުދީ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ފަރާތުންނާއި އަމިއްލަ ނަމުގައި އަދާކުރާ ޝުކުރެއް ކަމަށްވެސް ވިދާޅުވި އެވެ.
ހައްޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ސައުދީ ސައުދީ އަރަބިއްޔާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް