މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮރަޕްޝަންގައި އޮތީ ތަޅުވާފައި ކަމަށާއި ޖުޑިޝަރީއަށް މި ސަރުކާރުން އަތެއްވެސް އަދި ފަޔެއްވެސް ނުބާނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
މެންބަރު ޝާހިދު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މައި ހަރުގެކަމަށްވާ ޕީއެންސީ ހައުސްގައި ކުރިއަށް ދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުވަހަކުވެސް އަނިޔާވެރި ނުވާނެކަމަށް މިހާރުވެސް ވިދާޅުވާ ކަމަށާއި ދާދި ފަހުންވެސް އެހެން ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކަށްވެސް އަތެއް ނުބާނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަމަށް މެންބަރު ޝާޑު ވިދާޅުވި އެވެ.
ކޯޓުތަކަށް އަތެއް ނުބާނާނަމޭ. ދެން މިހެން ބުނީމަ ބުނާނެ ފައި ބާނައިފި އޭ. ފައިވެސް ނުބާނާނެ. ފަޔެއްވެސް ނުބާނާނެ.
ކޯޓުތަކަށް މި ސަރުކާރުގައި އަތް ނުބާނާނެކަމަށް ވިދާޅުވަމުން މެންބަރު ވަނީ އުސޫލުތަކުގެ ތެރެއިން، ހަމަޖެހިފައިވާ ގަވައިދުގެ ތެރެއިން ކަންކަން ކުރިއަށް ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އެކަންކަމަށް ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ދެން ވަރަށް ގިނައިން ވިދާޅުވާނެ ކަރަޕްޝަނޭ. މި ސަރުކާރު އައި ފަހުން ކަރަޕްޝަން އޮންނާނީ ތަޅުލާފަ. ތަޅުލާފަ އޮންނާނީ. ލާހިކެއް ނޫން ހިންގާކަށް. ނުހިންގޭނެ. ނުހިންގާ އެއްޗެއްގެ ވާހަކަ ނުދެއްކޭނެ.
މެންބަރު ޝާހިދު ވިދާޅުވީ މި ގައުމުގައި ކޮރަޕްޝަން ހިންގާނެ ފުރުސަތެއް ރައީސް މުއިއްޒު ނުދެއްވާ ކަމަށެވެ.
މަޖިލީހުން މިހާރު އޮތީ ކޮރަޕްޝަން ހުއްޓުވާފައި ކަމަށާއި ކޮރަޕްޝަންގައި ތަޅު އެޅުވުމަށް ފަހު ތަޅުދަނޑި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަތްޕުޅުގައި ކަމަށެވެ.
ޕީއެންސީގެ މި ފޯރިގަދަ ޖަލްސާގައި އެ ޕާޓީ ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހާއި ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝާރީފް އުމަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކޮންގްރެސް ޕާޓީ މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓަރު އާދަމް ޝަރީފް އުމަރު ޕީއެންސީ ހައުސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
