ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
ރައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ”ޖަވިޔަނި“އަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ ޕީޖީ އޮފީހަށް ބަލައިގަނެފައިވާ ކަމަށެވެ. އަދި މައްސަލައިގައި ދައުވާ ކުރުމާމެދު، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ފުލުހުން ރައުދު ފުރަތަމަ ހައްޔަރުކޮށްފައިވަނީ އޭޕްރިލް 24 ވަނަ ދުވަހު އެވެ. އޭގެފަހުން ރައުދުގެ ބަންދު މުއްދަތު އެކި ފަހަރުމަތިން އިތުރުކޮށްފައިވާއިރު ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކޮށްފައިވަނީ މޭ 22 ވަނަ ދުވަހު އެވެ. އަދި އޭގެފަހުން ރައުދުގެ ބަންދަށް ވަނީ ފަސް ދުވަހުގެ މުއްދަތެއްޖަހާފަ އެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިފަހުން ވަނީ ރައުދުވާ ސުވާލު ކޮށްފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ރައުދުގެ ޕާސްޕޯޓާއި ފޯނު ހިފަހައްޓާފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ ފަރާތުން ހަމަޖައްސާދީފައިނުވާތީ އަދި ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާތީ، މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަން ފުލުހުން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.
ޔުމުންގެ އާއިލާން ތުހުމަތުކުރާގޮތުގައި ޔުމްނު ވެއްޓުނު ވަގުތު، ރައުދުގެ އިތުރުން، އިތުރު ބަޔަކު އެތަނުގައި ތިބި އެވެ. ނަމަވެސް މިހާތަނަށް ފުލުހުންނާއި މީޑިއާތަކުން ހާމަކޮށްފައިވާ އެއްވެސް ފުޓޭޖްއަކުން އެ އިމާރަތަށް އިތުރުބަޔަކު ވަދެ، ހަރަކާތްތެރިވާ މަންޒަރެއް ފެނިފައެއް ނުވެ އެވެ.
ނަމަވެސް ހާދިސާ ހިނގި ރޭ ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ފޯނާއި ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. މިގޮތުން އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒްގެ ފޯނާއި ޕާސްޕޯޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރައުދު އަހުމަދު ޒިލާލް އަންހެނަކު ވެއްޓުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)