“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025”ގައި ގައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރު ދައްކާލައިފި އެވެ.
މި މައުރަޒުގައި ގައިދީން އަދި ޕްރިޒަން އޮފިސަރުންގެ ތަކެތި ދައްކާލާފައިވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) މެދުވެރިކޮށެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ މި މައުރަޒުގައި ބައިވެރިކޮށްފައިވަނީ 21 ގައިދީންގެ 16 އައިޓަމާއި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ކަމަށެވެ.
މި މައުރަޒުގައި ގައިދީންގެ އައިޓަމްތައް ބައިވެރިކުރުމުގެ މަގްސަދަކީ، ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމައަށް ދައްކާލުމަށް ފުރުސަތުތައް ހޯދައިދިނުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެ އެވެ.
މީގެއިތުރުން މައުރަޒު ކުރިއަށްދާއިރު ގައިދީންނަށް މައުރަޒަށް ޒިޔާރާތްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށްވެސް ބުނެފައިވެ އެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މައުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އާއި ހަމައަށް، އާންމުންނަށް މި މައުރަޒު ހުޅުވާލާފައި ހުންނާނެ އެވެ. މި މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައިވެފަ އެވެ.
