މި ސަރުކާރުގައި އެއްވެސް ވައްކަމެއް ނުކުރާނެ ކަމަށާއި، ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިންސާފުވެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ކުރީގެ ސަރުކާރުން ކަންތައްތައް ކުރި ގޮތުގެ ސަބަބުން ޤައުމު 126 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކަމަށެވެ. އަދި ހެޔޮވެރިކަމެއް ކޮށްގެން އެފަދަ ހާލަތަކަށް ޤައުމު ނުދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މެމްބަރު ވަނީ އެމްޑީޕީގެ ތެދުވެރި ނިޔަތެއް ނެތްކަމަށް ފާހަގަކުރެއްވި އެވެ. އަދި މެމްބަރު ވަނީ ރައީސް ޔާމީންއަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
މެންބަރު ދީދީ، 2013 ވަނަ އަހަރު ބޭއްވުނު ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް ޔާމީނާއި އުމަރު ނަސީރު ކަމަށް ވިދާޅުވި އެވެ. އެ ޕްރައިމަރީގައި ރައީސް މައުމޫނު ރައީސް ޔާމީނުގެ އަތްޕުޅުގައި ހިއްޕެވުމުގެ ސަބަބުން ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތް ކަމަށްވެސް ފާހަގަކުރެއްވި އެވެ.
”އެހެންނޫންނަމަ ރައީސް ޔާމީނު އުމަރު ނަސީރުގެ އަތުގައި ހިފިނަމަ އުމަރު ނަސީރު އެދުވަހު ވެރިކަމަށް އަންނާނީ“ މިހެން ވިދާޅުވި މެންބަރު ދީދީ، ވެރިކަން ނިމިގެން ދިޔައިރު ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ގިނަ ބަޔަކު ތިބީ ޖަލުގައި ކަމަށްވެސް ފާހަގަކުރެއްވި އެވެ.
ކޮންގްރެސް ޕާޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ)
