”މޯލްޑިވްސް 2.0″ގެ ދަތުރުގައި ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށައެޅުމަށް ބާއްވާ ފުރަތަމަ ޑިޖިޓަލް ސަމިޓް، މޯލްޑިވްސް 2.0 ސަމިޓް ރޭ ވަނީ އިފްތިތާހު ކޮށްފަ އެވެ. އަދި ”މޯލްޑިވްސް 2.0“ އާ ގުޅުވައި އިދިކޮޅު ފަރާތްތަކުން އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުންނެެވެ.
އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކާ ގުޅިގެން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ”މޯލްޑިވްސް 2.0“ އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.
”ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ”މޯލްޑިވްސް 2.0“ އަކީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމު ވެގެންދާނީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމަކަށް ކަމަށެވެ.
މިކަމުގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ކަމަށާއި އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ރައްޔިތުން އެދޭ އަމާޒުކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، މި އަމާޒަށް ވާސިލުވުމަށް ކުރާ ދަތުރުގައި، ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު ކަމަށެވެ.
”މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.
މި ޕްލޭންގައި ޑިޖިޓަލް އައިޑެންޓިޓީ، ޑޭޓާ ހިއްސާކުރުން، ސައިބަރ ސެކިއުރިޓީ އަދި ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ 8 މައިގަނޑު ތަނބު ހިމެނެއެވެ.
”މޯލްޑިވްސް 2.0“ ގެ ދަށުން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ލިބޭގޮތް ހެދުމަށް ވަނީ ރޭވިފައެވެ. އަދި ތަޢުލީމު، ޞިއްޙަތު، ފަތުރުވެރިކަން އަދި ޢަދުލު އިންސާފު ފަދަ މުހިންމު ދާއިރާތަކުގައި ޑިޖިޓަލް ވަސީލަތްތަކުން ޚިދުމަތް ލިބުމާއި ވިލަރެސްކުރުން ރަނގަޅުކުރެވޭނެއެވެ.
ޑިޖިޓަލް މޯލްޑިވްސް 2.0 ގެ މަޤްޞަދަކީ ކޮންމެ ދިވެއްސަކަށް ވެސް ތަރައްޤީވެފައިވާ، ރައްކާތެރި އަދި ގުޅިލާމެހިފައިވާ މުސްތަޤްބަލެއް ބިނާކުރުން“ ކަމަށް ސަރުކާރުން ބުނެއެވެ. މި ވިޝަންގެ ދަށުން ވަރުގަދަ ޓެކް އިކޯސިސްޓަމެއް ބިނާކޮށް، ސްޓާޓްއަޕްތަކަށް ހިތްވަރުދީ، ޒުވާނުންނަށް އީޖާދީ ކަންކަމަށް މަގުފަހިކޮށްދިނުމަށް ވަނީ ރޭވިފައެވެ.